30 Apr 2025

By: Asima Nizar

ފޯސީޒަންސް ރިސޯޓުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަކޮށް ކަލިނަރީގެ ދާއިރާއަށް އައިޝަތު އަނޫޝާ ޖަމީލް (އަނޫ) ރަނގަޅަށް ވަދެވުނު އިޓަލީގެ ކެއްކުންތަކަށް ހާއްސަ ލޯތްބެއް ޖެހުނެވެ. އޭގެ ތެރެއިން ވެސް، އެ ގައުމުގެ ޓްރޮވީޒާ ސިޓީން އުފަންވި ޓިރަމިސޫ ވީ އަނޫގެ އެންމެ މަގުބޫލު ފޮނި ކާނާއަށެވެ.

އަމިއްލައަށް ދަސްކޮށް، ރަހަ ފައްކާކޮށްގެން ދޭތެރެ ދޭތެރެއިން ރައްޓެހިންނަށް އެ ޑެޒާޓު ކާންދެ އެވެ. އެ އެންމެންނަށް ވެސް އެ މީރުވުމުން އެދުނީ، އެ މަސައްކަތް ވިޔަފާރިއަކަށް ބަދަލުކޮށްލާށެވެ. އެކަމަކު، އޭނާ ގަބޫލުކުރާ ހަމަތަކުގައި ހިފަހައްޓައިގެން ހުރީ އެވެ.

ރިސޯޓުގައި ފަސް އަހަރު އުޅުމަށް ފަހު މިދިޔަ އަހަރުގެ ރޯދަ މަހު މާލެ ބަދަލުވުމުން އަނޫއަށް ގަބޫލުކުރެވުނީ ޓިރަމިސޫ ހަދައިގެން ވިއްކުމަކީ ރަނގަޅު ވިޔަފާރިއަކަށް ވެދާނެ ކަމަށެވެ. އިންސްޓަގްރާމުގައި މިދިޔަ ފެބްރުއަރީ 13 ގައި "ފްރެންޖިޕޭން" އުފަންވީ އެ ހިސާބުންނެވެ.

View this post on Instagram

A post shared by Frangipane (@frangipane.cooks)

"ރައްޓެހިން ވަރަށް ގިނައިން ކިޔާނެ ބިޒްނަސްއަކަށް ބަދަލުކުރަންވީ ނޫންހޭ. އެހެން ބުނީމާ ބުނިން ކައްކަނީ އަނޫ ލޯބިވާ މީހުންނަށް އެކަންޏޭ. އެކަމަކު، އެއަށްވުރެ މާ ސަޅިތާ އެގޮތަށް އެހެން މީހުންނަށް ކާ އެއްޗެހި ޝެއާ ކުރެވެންޏާ. ދެން ހިތަށް އެރީ [ވިޔަފާރި] ފަށާނީއޭ. މިދިޔަ އަހަރު ވަރަށް ރައްޓެހިން ކީ ހަމަ ވިއްކަން އުޅެންވީނޫންހޭ ތީތި. ބުނިން ހަމަ ނޫނެކޭ. މި އަހަރު ނިމުނުއިރު ވިސްނާލީ ދެން. ހިތަށް އެރީ މިކަން ރަނގަޅަށް ހިނގައިދާނޭ، މިހާރު މިގޮތަށް ޓިރަމިސޫ ވިއްކާ ބަޔަކު ނޫޅެއޭ. ޑެޑްލައިނެއް ސެޓްކޮށްފައި، އެއްޗެހި ގަނެފައި ފެށީ ދެން،" އަނޫ، 29، ބުންޏެވެ.

އާއިލާ އާއި ރައްޓެހިންގެ ސަޕޯޓު އަދި އަމިއްލަ ނަފްސަށް ކުރި އިތުބާރާ އެކު މި ކުޑަ ވިޔަފާރި ފެށިއިރު ވެސް އޯޑަރުތައް ލިބޭނެ ކަމާ މެދު އުފެދުނު ސުވާލުތައް ގިނަ އެވެ. އަނޫގެ މި މަސައްކަތް އާއްމުން ބަލައިގަންނާނެތޯ ހިތަށް އެރި އެވެ.

މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެ ހުރިހާ ސުވާލުތަކަކަށް ޖަވާބު ވެސް ލިބިއްޖެ އެވެ.

އަނޫ ހަދާފައިވާ ޕިސްޓާޗިއޯ ޓިރަމިސޫ.

"ވަރަށް ރަނގަޅަށް އެބަ ދޭ ކުރިއަށް. އުއްމީދުކުރި ވަރަށް ވުރެ ބޮޑަށް ތަރުހީބު ރަނގަޅު،" އޭނާ ބުންޏެވެ.

"މިކަން ފެށިއިރު ނޭނގޭ މީހުން އެހާ ވިލިން ވާނެ ކަމެއް މި ގަންނަން. ހިތަށްއެރި އަނެއްކާ މީހުން އޯޑަރުކުރާނެބާއޭ. އެގޮތަށް އާދޭ ދުވަސްތައް، މިކަން ދާނެބާއޭ ހިތަށްއަރާ. އެކަމަކު، އެގޮތަކަށް ނޫން. މަސައްކަތްކުރަންޏާ ކަންކަން ހަމަ ރަނގަޅަށް ދާނެ. ހިތްވަރާއި އަޒުމާ އެކު ހުރިއްޔާ ރަނގަޅަށް ދާނެކަން ގަބޫލުކުރަން ޖެހޭ،"

ކުންފުންޏެއްގައި ފުލްޓައިމް ވަޒީފާ އަދާކޮށް، ލިބޭ ހުސްވަގުތުގައި ޓިރަމިސޫ ހަދަމުން އަންނަ ޒުވާނާ ބުނީ ދެ މަސް ދުވަހުގެ ތެރޭގައި 400 އަށްވުރެ ގިނަ އޯޑަރު ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރިޕީޓެޑް ކަސްޓަމަރުން ވެސް ބައިވަރެވެ.

އެންމެ ޑިމާންޑު ބޮޑުވި ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް އެތައް ޓިރަމިސޫއެއް ހަދަން ޖެހުނެވެ.

އަނޫ ބުނީ އެ އޮންނަ މިންގަނޑަށް ޓިރަމިސޫ ހަދަން ބޭނުންކުރާ އެއްޗެހި ނާޅައިފި ނަމަ ރަހަ ނުބައިވާނެތީ ކޮންމެ އޯޑަރެއް ނިންމަން ވެސް ވަރަށް ވަގުތު ހޭދަކުރާ ކަމަށެވެ. ޓިރަމިސޫ ޕެކެއް ނިންމަން މަދުވެގެން ތިން ގަޑިއިރު ހޭދަވެ އެވެ.

މިދިޔަ ހަފުތާގައި ޕިސްޓާޗިއޯ ކްރީމް ޓިރަމިސޫ ލޯންޗުކުރުމުގެ ކުރިން އެ ފްލޭވާގެ ރަހަ ރަނގަޅުކުރަން އެއް ދުވަހު ހަ ގަޑިއިރު ހޭދަކުރި އެވެ.

View this post on Instagram

A post shared by Frangipane (@frangipane.cooks)

އަމިއްލަ ވިޔަފާރި ފެށުމުގެ ކުރިން އެ ޑެޒާޓު ކާން ބޭނުންވެގެން އެކި ރެސްޓޯރެންޓު/ކެފޭތަކަށް ވެސް އޯޑަރު ކުރި އެވެ. އެކަމަކު، އެގޮތަށް ކާއިރު ވެސް ހިތްހަމަޖެހޭ ރަހައެއް ނުލިބުނު ކަމަށް އަނޫ ބުންޏެވެ. އެއީ، މީރު ޓިރަމިސޫއެއްގެ އިންތިޒާރުގައި އެތައް ބަޔަކު ތިބޭނެ ކަމަށް އޭނާއަށް ގަބޫލުކުރެވުނު އަނެއް ސަބަބެވެ.

"އަންހެން ކުއްޖެއް ބުނި އޭނަ ވަރަށް ކުރިން ވަރަށް މީރު ފޮނި އެއްޗެއް ކެއި ކަމަށް. އެކަމަކު ކެވުނީ ކޯއްޗެއް ކަމެއް ނޭނގެއޭ އަދި އެ ރަހަ ދޭ އެއްޗެއް ހޯދާތާ ވަރަށް ދުވަސްވެއްޖެ ކަމަށް ބުނީ. އޭނަ އަނޫގެ ޓިރަމިސޫ ރަހަ ބަލާފައި ބުނީ ފާއިތުވި އަހަރުތަކުގައި އުޅުނީ މި ރަހަ ބޭނުންވެގެންނޭ، އަދިކިރިޔާއޭ މި ކެވުނީ އެ މީރު ރަހަ ލާ އެއްޗެއް،" އޭނާ ބުންޏެވެ.

"ދެން ބުނާނެ ވަރަށް ބޭނުމޭ ޓިރަމިސޫ އެކަމަކު އެހެން ނުއެއް ލިބެއޭ ކާކަށް. އެހެންވެ، އެ މީހުން ވަރަށް ގްރޭޓްފުލް ވަމޭ ފޭޖު ހިންގާތީ."

ފުވައްމުލަކަށް އުފަން ޒުވާނާ ބުނީ ތަފާތު އެކި ވައްތަރުގެ ފޮނި ކާއެއްޗެހި ހަދަން އެނގުނަސް، އޭނާ ބޭނުންވަނީ އެކައްޗެއް، ތަފާތު އެކި މާނަގައިގައި ނުވަތަ ރަހަތަކުގައި އާއްމުންނަށް ގެނެސްދޭން ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ތަނުގައި ވެސް ޓިރަމިސޫގެ އެކި ފްލޭވާތައް ތައާރަފްކުރާނެ އެވެ. އަދި ވީހާ ވެސް ގިނަ ބަޔަކަށް އޭގެ ރަހަ ދައްކަން ކެފޭ އެއް ހުޅުވުމަކީ އޭނާގެ އުއްމީދެވެ.

ޒުވާނުން

Popular